އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް ހުޅުވާލައިފި

22 މެއި 2023 - 17:34

ހުޅުމާލޭގައި ޕާކް ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށް ދިނުމަށް އާބަންކޯއިން ހުޅުވާލައިފިއެވެ.

އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް މި މަހުގެ 17 ވަނަ ދުވަހު ހުޅުވާލައިފައިވާއިރު, ބީލަމުގެ އުސޫލުން 10 ޖާގަ ދޫކުރާނެއެވެ. ބީލަން ފެށޭ އަގަކީ 1500 ރުފިޔާއެވެ.

އާބަންކޯއިން ބުނީ މި ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައެޅިވަފިވަނީ މީލާދީ ގޮތުން 12 މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ބީލަމުގައި ބައިވެރިވުމުގެ ޝަރުތުތައް:

ދިވެހި ރައްޔިތެއް ކަމުގައިވުން.
އުމުރުން 18 އަހަރު ފުރިފައިވުން.

ޕާކު ކުރަން ބޭނުންވާ ކާރަކީ އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ވުން.

އާބަންކޯ މިވަގުތު އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ނުވުން.

މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު އަދި އެ ނޭބަރހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައި ވެއެވެ.

އާބަންކޯއިން ބުނީ މިކަމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގައި ފަސޭހަކަމާއި އަދި ހަމަހަމަ ކަމާއެކު ކާރު ޕާކު ކުރުމަށް މަގުފައި ކޮށްދިނުން ކަމަށެވެ.