ހުޅުމާލެ ޕޭމަންޓުގައި ގޮނޑި ޖަހައިގެން ހިދުމަތް ދިނުން ހުއްޓާލަން އަންގައިފި

7 މެއި 2023 - 3:17

ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓު މަތީގައި ކެފޭތަކާއި ޓޭކްއަވޭތަކުން ބަހައްޓާފައި ހުރި މޭޒުތަކާއި ގޮނޑިތައް ނަގަން އާބަންކޯއިން އަންގައިފި އެވެ.

އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް އެ ކުންފުނީގެ ފަރާތުން ދީފައިވާ ހުއްދައާ ހިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އާބަންކޯއިން ބުނީ ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭވްމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭގެ ހިދުމަތް ދެމުން އަންނަ މައްސަލަ ފާހަގަވެފައި ވާއިރު، އެކަމުގެ އުނދަގޫ ވެގެން އާންމުންގެ ޝަކުވާ ލިބޭ ކަމަށެވެ.

އެ ކުންފުނިން ބެލި ބެލުމުގައި ހުޅުމާލޭގެ 34 މަގެއްގެ ޕޭވްމަންޓުގައި 183 މޭޒު ބަހައްޓައި ހިދުމަތްދެމުން އަންނަކަން އެނގިފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ. އެ ތަކެތި ނެގުމަށް މިހާރު ވަނީ އަންގައިފަ އެވެ.

ޕޭވްމަންޓުގައި މޭޒު ޖަހައި، ކެފޭ ހިންގުމުން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންތައްތަކުގެ ނޭދެވޭ އަސަރު ކުރާނެކަން ފާހަގަކޮށް، ވިޔަފާރީގެ ހުއްދައާ އެއްގޮތަށް މަސައްކަތް ކުރަން އާބަންކޯއިން އެދެ އެވެ.

"މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިގޮތަށް ޕޭވްމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށްވެސް ކުރާ ކަންކަމެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތައް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ." އާބަންކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ހިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ. އަދި ކެފޭތަކާއި، މިފަދަ ހިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އަދިވެސް ބޭނުންވާކަން ފާހަގަވެފައިވާތީ، އެފަދަ ފުރުސަތުވެސް ފަހިކޮށްދިނުމަށް ވެސް މަސައްކަަތް ކުރަމުންދާ ކަމަށް ބުންޏެވެ.