ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިންމާލައިފި

25 އެޕްރީލް 2023 - 18:11

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ ރަނގަޅު ފެންވަރަށް ތަރައްގީކޮށް ނިމިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 44,296.90 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 18,871.16 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ވަނީ ފުރިހަމަ ކޮށްފައެވެ.

މީގެ އިތުރުން ސާވިސް ލައިން އެޅުމާއި، ޑްރެއިނޭޖެއް ބެހެއްޓުމާއި، 20،774.86 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ވަނީ މި މަޝްރޫއުގެ ދަށުން ފުރިހަމަ ކޮށްފައެވެ.

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއަކީ 90.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ސަބަބުން އެއްގަމު ދަތުރުފަތުރުކުރުމުގަ އާއި އެއްތަނުން އަނެއްތަނަށް މުދަލާއި ތަކެތި އުފުލުމުގައި ގިނަ ފަސޭހަތަކެއް ހަނިމާދޫ ރައްޔިތުންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިހާރު ލިބިގެންދާނެ ކަމަށެވެ.