ކުޅިވަރާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ތަރައްގީ ކުރަން ޔޫތު މިނިސްޓްރީއަށް ބިމެއް

25 އެޕްރީލް 2023 - 18:06

ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީއަށް އާބަންކޯއިން ހުޅުމާލެއިން ބިމެއް ދީފިއެވެ.

ޔޫތު މިނިސްޓްރީއާ ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

އާބަންކޯއިން ބުނީ ހުޅުމާލެއަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައި ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޔޫތު މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް ދޫ ކުރަން ނިންމީ އެ މަސައްކަތުގެ ދަށުން ކަމަށް ވެސް ބުންޏެވެ.

ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް އާބަންކޯއިން ޔޫތު މިނިސްޓްރީ ބިން ދޫކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. އެއީ 5.4 ހެކްޓަރުގެ ބިމެކެވެ.

އާބަންކޯއިން އަންނަނީ މިހާރު ވެސް ހުޅުމާލޭގައި ތަފާތު ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކޯޓުތަކާއި ސްކޭޓް ޕާކްތަކުތައް ތަރައްޤީކުރުމާއި މޫދު ކުޅިވަރުތައް ކުރިއަށްގެންދެވޭނެ އިންތިޒާމްތައް ހިމެނެއެވެ.