ގއ. ގެމަނަފުށި އަދި ތ. ދިޔަމިގިލީ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

22 އެޕްރީލް 2023 - 6:20

ގއ. ގެމަނަފުށި އަދި ތ. ދިޔަމިގިލީގެ ސިއްހީ މަރުކަޒު ތަރަައްގީގެ ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ގެމަނަފުށި ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަހުމަދު ޒިޔާދެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު އަބްދުއް ހަންނާން ހުސައިންއެވެ.

ހެލްތު މިނިސްޓްރީން ބުނީ ގެމަނަފުށި ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމާއި ސިއްހީ މަރުކަޒުގައި ކުރަންހުރި އެހެން މަސައްކަތްތައް ކުރަން ހަވާލުކުރީ 1.9 މިލިއަން ރުފިޔާއަށް 120 ދުވަހުން ނިންމާ ގޮތަށް ކަމަށެވެ.

ދިޔަމިގިލީގެ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރީ ކޯސްޓަލް އިންޖީނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއޯއޯ އަލީ ޝާހިދެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓާ އަބްދުއް ހަންނާނެވެ.

ދިޔަމިގިލި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯގެ މަސައްކަތް ހަވާލުކުރީ 4.4 މިލިއަން ރުފިޔާއަށް 154 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.