ރަޝިޔާގެ ހަތަރު ސިޓީއެއްގައި ވިޒިޓް މޯލްޑިވްސްގެ ރޯޑްޝޯ ފަށައިފި

20 މާޗް 2021 - 13:39

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 20 ކުންފުންޏަކާއެކު، ވިޒިޓް މޯލްޑިވްސް އިން ރަޝިޔާގެ އެކި ސިޓީތަކުގައި ޓްރެވަލް ޓްރޭޑަށް ހާއްސަކޮށްގެން ރޯޑްޝޯއެއް ފަށައިފި އެވެ.

މި ރޯޑްޝޯ ކުރިއަށް ދާނީ މި މަހުގެ 26 ގެ ނިޔަލަށް، މޮސްކޯ، ކާޒާން، އެކަޓެރިންބާގް އަދި ސެން ޕީޓާސްބާގް ގައެވެ. މިއީ މޮސްކޯގައި ކުރިއަށްދިޔަ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓުއަރިޒަމް އެގްޒިބިޝަން (އެމްއައިޓީޓީ) އަށްފަހު ކުރިއަށްގެންދާ ހަރަކާތެކެވެ.

އެމްއެމްޕީއާރްސީން ބުނީ ރާއްޖެ އިޝްތިހާރުކޮށް ޓްރެވަލް ޓްރޭޑުގެ މެދުގައި ރާއްޖެއާ ބެހޭ މައުލޫމާތު ހިއްސާކޮށް ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަމުގައި ވިޒިޓް މޯލްޑިވްސް އާއެކު ރާއްޖޭގެ 12 ރިސޯޓަކާއި ދެ ގެސްޓްހައުސް އަދި ހަ ޓްރެވަލް އެޖެންޓުން ހިމެނޭގޮތަށް 33 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެެވެ.

ރޯޑްޝޯގައި ރާއްޖެއާ ބެހޭ މައުލޫމާތާއި ބައިވެރިވާ ފަރާތްތަކުގެ ޕްރޮޕަޓީތަކާއި އެތަންތަނުން ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުރި ކަންކަން ދައްކާލާނެ ކަމަށެެވެ. ހަމައެއާއެކު ރާއްޖޭގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައި ވެސް އިޝްތިހާރުކުރާނެ އެވެ.

ހަތަރު ސިޓީގައި ކުރިއަށްދާ ރާއްޖޭގެ އިވެންޓަށް ޒިޔާރަތްކުރާ މީހުން އިތުރުކުރުމަށް، ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފުރުސަތު ދޭނެ އެވެ.

ކޮންމެ ސިޓީއަކުން ވެސް ނަސީބުވެރިން ހޮވާއިރު، އެ މީހުންނަށް ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ، ސަން އައިލެންޑް، ޕެރެޑައިސް އައިލެންޑް ރިސޯޓު، ތާޖް ކޮރަލް ރީފް ރިސޯޓު، އަދި ރޯޔަލް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު އެންމެ މުހިއްމު އެއް މަންޒިލެވެ. މިދިޔަ އަަހަރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. މިއަހަރުގެ މިހާތަނަށް 238،533 ޓޫރިސްޓުން އައި އިރު، 21.5 ޕަސެންޓު މީހުންނަކީ ރަޝިއާ އިން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.