ކޫއްޑު އަށް 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް

15 އެޕްރީލް 2023 - 15:45

ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ އެހީގެ ދަށުން ގއ. ކޫއްޑޫގައި އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހަދައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޫއްޑޫގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ އިތުރުން ޕަވާ އިމްޕްރޫވެމެންޓުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފިނޭންސުން ބުނެފައިވަނީ ސައުދީން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ފޯރުކޮށްދޭ އެ އެހީގެ ދަށުން ކ. ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްލާސްޓް ފްރީޒިން ފެސިލިޓީއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތްވެސް ކުރަން ހަމަޖެހިފައިވާ ކަމަށް ފިނޭންސުން ބުނެފައިވެއެވެ.

އެ މަސައްކަތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. ކޫއްޑޫގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން 35،000 ޑޮލަރު ބިޑް ސެކިއުރެޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނެ ކަމަށާއި ކަނޑުއޮތްގިރީގެ މަޝްރޫއަށް 16،000 ޑޮލަރު އަދި މުލަކު މަޝްރޫއަށް 12،000 ޑޮލަރު ބިޑް ސެކިއުރެޓީގެ ގޮތުގައި ހުށަހަޅަންޖެހޭނެ ކަމަށް ފިނޭންސުން ބުނެފައިވެއެވެ.

ފިނޭންސުން ބުނެފައިވަނީ އެ މަޝްރޫއުތަކުގެ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ.

ފިނޭންސުން ބުނެފައިވަނީ އެ ތިން މަޝްރޫއަށް ޝަރުތު ހަމަވާ ފަރާތްތައް ބެލުމުގައި ލިމިޓެޑް އިންޓަނޭޝަނަލް ބިޑިން (އެލްސީބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ "ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިން ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް" އަށް ރިއާޔަތްކުރާނެ ކަމަށެވެ.

އެ ޕްރެޖެކްޓުތަކަށް ހުށަހަޅާ ބީލަންތައް ހުޅުވުން ބާއްވާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު 11:00 ގައި ކަމަށް ވެސް ފިނޭންސުން ބުންޏެވެ. ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން ރީފަންޑަބަލް ފީއެއް ދައްކަން ޖެހޭނެ ކަމަށާއި އެ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޖޫން މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސުން ބުނެފައިވެއެވެ. އަދި ފީ ދައްކަންވާނީ ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް (ރަމަޟާން މަހު: 09:30 އިން 13:00 އަށް) https://bandeyripay.finance.gov.mv މެދުވެރިކޮށް ކަމަށެވެ.

ބީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އަދި "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާ އެއްގޮތަށް ކަމަށް ފިނޭންސުން ބުންޏެވެ.