ރަށްރަށަށް ބަހަން 5،000 ރުއް ގެނެސްފި
8 އެޕްރީލް 2023 - 16:42
އިންޑިއާގެ ކެރެލާއިން ރާއްޖެއަށް 5،000 ރުއް ގެނެސްފައި ވާކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި ރުއްތައް މިވަގުތު ހުރީ ހދ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗާ ސެންޓަރުގައި ކަމަށެވެ. އަދި ރަށްތަކަށް މި ރުއްތައް ފޮނުވާނީ އެތަނުގައި ބަހައްޓައިގެން ރުއްތައް މުޑުވަށް ކުރުމަށް ފަހު ކަމަށެވެ.
"މިހާރު އެ ރުއްތައް ކަރަންޓީނު ކުރެވިފަ އެވަނީ. ކަރަންޓީނުގަ ބަހައްޓައިގެން މުޑުވަށް ކުރުމަށް ފަހު ރަށްތަކަށް ފޮނުވާނީ،" އޭނާ ވިދާޅުވިއެވެ.
މިހެން މިކަން ކުރަނީ ފެތުރިދާނެ ބައްޔަކުން ރުއްތައް ސަލާމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ރުއްތައް ބެހުމުގެ ކުރިން ރުއް އިންދުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދެން ހުޅުވާލާނެއެވެ.
މިދިޔަ އަހަރު ވެސް ކެރެލާއިން ރާއްޖެއަށް 1500އެއްހާ ރުއް ގެނައެވެ. އަދި އެ ރުއްތައް މިހާރު ވަނީ ރަށްރަށަށް ފޮނުވާފައެވެ.
"މިނިސްޓްރީން މިހާރު ކުރާ ކަމެއް އެއީ ރުކުގެ އާ ޖީލެއް އުފެއްދުން. މިހާރު ރުއްތަކަށް ބަލި ޖެހި ކާށި ކުދިވެ އެކަހަލަ ކަންކަން މެދުވެރި ވާތީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖޭގެ ރުއްތަކަށް ކޫޑި ބަލި ޖެހި ކާށި ލިބުން ވެސް މިހާރު ވަނީ ދަތިވެފައެވެ. މިކަމާ ހުރެ ކުރިން ބާޒާރުގައި ހަތަރު ރުފިޔާއަށް ވިއްކަމުން އައި ކުޑަ ކާއްޓާއި އަށް ރުފިޔާއަށް ވިއްކަމުން އައި ބޮޑު ކާށީގެ އަގު ބޮޑުވެއްޖެއެވެ. އެގޮތުން މިހާރު މާލޭގެ ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.