ދިއްދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

30 މާޗް 2023 - 18:13

ހއ.ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.

އެމްޓީސީސީން ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ %70 މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ. އެއްގަމު ތޮށީގެ ވޭރިއޭޝަން މަސައްކަތް ނިމިފައިވާއިރު، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވަނީ %92 ފުރިހަމަކުރެވިފައިކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ފެބްރުއަރީ 14، 2021 ގައެވެ. މިއީ 70.59 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 78،000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓު ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.