ވިނަރެސް ފްލެޓަށް ޕޮއިންޓުގެ ގޮތުން އެއްވަރުވި މީހުންގެ ގުރު ނެގުން ބުދަދުވަހު
27 މާޗް 2023 - 17:04
ވިނަރެސް މަޝްރޫއިން އެޕާޓްމެންޓް ގަތުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ މީހުންގެ ތަރުތީބު ކަނޑައެޅުމަށް ގުރުއަތު ލުމެއް ބާއްވަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީ އިން މިއަދު ބުނީ ވިނަރެސް މަޝްރޫއިން އެޕާޓްމެންޓް ގަތުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕޮއިންޓް އެއްވަރުވި މީހުން ބަލާނީ މިނިސްޓްރީ އޮފް ހައުސިން އިން މުރާޖަޢާކޮށްފައިވާ ލިސްޓުގައި، މިނިސްޓްރީގެ މިންގަޑުތަކާއި އެއްގޮތަށް ޕޮއިންޓް ދެވިފައިވާއިރު، އެއްވަރުވެފައިވާ މީހުން ކަމަށެވެ. މި ގުރުއަތުލުން އެޗްޑީސީގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށް ވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކާއި އަދި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އީމެއިލްކޮށް އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ ފަރާތްތައް އެޗްޑީސީގެ ލިސްޓުން އުނިވާނެއެވެ.
އެޗްޑީސީން ވަނީ މި ގުރުނެގުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، އޮބްޒާވްކުރުމަށް ދެ ކެޓެގެރީއިން މަދުވެގެން ފަސް ފަރާތަކަށް ދައުވަތު އެރުވޭނެ ކަމަށް ބުނެފައެވެ. މިކަމަށް ޝައުގުވެރިކަން ހުރި ބޭފުޅުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 3353535 އަށް ގުޅުމަށް އެޗްޑީސީން އެދެއެވެ.
ވިނަރެސް ފްލެޓް ލިބުނު މީހުންގެ މުރާޖައާ ކޮށްފައިވާ ލިސްޓު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އާންމުކުރީ ނިމިދިޔަ ފެބްރުއަރީ މަހުއެވެ.