މިއަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

28 ފެބުރުއަރީ 2023 - 15:37

މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

އެގޮތުން ފުރަތަމަ ސޮއިކުރެއްވީ، އަލްއަދިއްލާ ކޮމްޕެނީއާއެކުގައެވެ. އެކުންފުންޏާއިއެކު ސޮއިކުރީ، ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ އެއްބަސްވުމެއްގައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް އަލްއުސްތާޛު މުޙައްމަދު އަނީލްއެވެ. މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ، މިމަހުގެ 25 ވީ ހޮނިހިރު ދުވަހު އަލްއަދިއްލާ ކޮމްޕެނީގެ އިދާރާގައެވެ.

ދެން ސޮއިކޮށްފައިވަނީ، މި އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާ ގުޅޭ އެއްބަސްވުމެއްގައެވެ. ޟުޔޫފުލްބައިތު ކޮމްޕެނީއާއެކު މިއެއްބަސްވުމުގައި ސޮއިކުރެއްވީވެސް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް އަލްއުސްތާޛު މުޙައްމަދު އަނީލްއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ، މިމަހުގެ 26 ވީ އާދީއްތަ ދުވަހު ޟުޔޫފުލްބައިތު ކޮމްޕެނީގެ އިދާރާގައެވެ. ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދިވެހި ޙައްޖުވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ދެއްވާ ރަސްމީ ކޯޓާގެ ގޮތުގައި 1000 ކޯޓާ މިއަހަރު ވަނީ ރާއްޖެއަށް ލިބިފައެވެ. އަދި އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ ކުރައްވަމުން ގެންދަވާއިރު، މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ވަނީ ހުޅުވާލާފައެވެ.