ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ދެނެގަތުމަށް ވެމްކޯއިން ”ވެށިފާރަ” ޕޯޓަލް އިފްތިތާހްކޮށްފި
26 ފެބުރުއަރީ 2023 - 3:43
ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ވެމްކޯއިން ޕޯޓަލެއް އިފްތިތާހުކޮށްފިއެވެ.
ވެމްކޯގެ ހަތްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ 'ވެށިފާރަ' ޕޯޓަލް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
'ވެށިފާރަ' ޕޯޓަލަކީ ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް ގެންނަ ކުނި ބަލައިގަތުމުގެ ކުރިން އެ ކުނި ފޮނުވާ ފަރާތާއި ގެންދާ ފަރާތުގެ އިތުރުން ކުނީގެ މިންވަރު ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ.
ވެމްކޯއިން ބުނެފައިވަނީ ކުނީގެ ބާވަތްތައް ދެނެގަނެ، ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ބައްޓަން ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އެ ޕޯޓަލްގެ ބޭނުންކުރާނެ ކަމަށެވެ. އެ ކޯޕަރޭޝަނުން ބުނީ 'ވެށިފާރަ' ޕޯޓަލް އާއެކު، ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް ކުނި ގެންދާ ފަރާތްތަކުގެ މަސައްކަތަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރެއިން ކުނި ނެގުމުގެ ހިދުމަތް ވެމްކޯއިން ދަނީ ފޯރުކޮށްދެމުންނެވެ.