ރޯދައަށް އެސްޓީއޯގެ ފިހާރައެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވަނީ

21 ފެބުރުއަރީ 2023 - 4:42

ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯގެ ފިހާރައެއް ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓެއްގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަަމަށް އެސްޓީއޯއިން ބުނެފިވެ.

ރޯދަމަހަކީ އަބަދުވެސް ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލި، ލިބުމުގެ ދަތިކަން އިންތިހާއަށް އިހްސާސް ކުރެވޭ ދަނޑިވަޅެއް ކަމުން އެކަމަށް އަބަދުވެސް އެސްޓީއޯއިން ތައްޔާރު ވެއެވެ. އެ އިރެއްގައި އާންމުންނަށް ދިމާވެފަވާ ދަތިތަކަށް ޒަމާނީ ހައްލު ހޯދައިދިނުމަކީ އެސްޓީއޯގެ އަމާޒެވެ.

އެސްޓިއޯއިން ބުނީ، މި އަހަރުގެ ރޯދަމަސް ކައިރިވަމުން އައުމާއެކު އެސްޓީއޯއަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި، އަދި ބިސް ފަދަތަކެތީގެ އަގުތައް އަރައިގެން ހިނގައިދޭނެ ކަމުގެ ޝަކުވާ ކަމަށެެވެ.

އެހެންކަމުން މިފަދަ މުހިންމު ޝަކުވާތައް ދެނެގަނެ، ޒަމާނީ ހައްލު ހޯދައިދިނުމުގެ ގޮތުން އެސްޓީއޯއިންވަނީ ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް ތިރީގައި ރޯދަމަހަށް ހާއްސަކޮއްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށައިފައެވެ.

އެސްޓީއޯއިން ބުނީ، ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށް ދިނުން ކަމަށެވެ.

އެގޮތުން މި ފިހާރަ ހުޅުވުމުގެ މަސައްކަތް މިވަގުތު ބާރު ދުވެއްޔެއްގައި ކުރެވެމުންދާ ކަަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

އެސްޓީއޯއިން ލަފާ ކުރަނީ މާޗް މަހުގެ ނިޔަލަށް ފިހާރަ ހުޅުވިގެން ދާނޭ ކަމަށެވެ. އަދި ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށްވެސް އެސްޓީއޯއިން ބަނީ ބުނެފައި ވެއެވެ.

ފިހާރައިން އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތައް ލިބިގެން ދާނެއެވެ. މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް ލިބިގެން ދާނެއެވެ.