ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި

19 ފެބުރުއަރީ 2023 - 14:30

ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި ސަރުކާރުގެ އޮފީސް އިމާރާތް، 'އުމަރު ޒާހިރު އޮފީސް ބިލްޑިން' އަށް ބަދަލުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ އިދާރާ އޮފީސް ހިންގާނީ އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ތިންވަނަ ފުލޯގައި ކަމަށެވެ.

މި އިމާރާތަށް ސަރުކާރުގެ ގިނަ އޮފީސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ބަދަލުކޮށްފައިވަނީ ޖެންޑާ މިނިސްޓްރީއެވެ. މީގެ އިތުރުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ އެއްކޮށް އެ އިމާރާތަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޚިދުމަތްތައް އަންނަ މާޗް މަހު އެ އިމާރާތަށް ބަދަލުކުރާނެއެވެ. މި ބަދަލާއެކު، މިނިސްޓްރީގެ ކައުންޓަރުތަކުން ދޭ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ އާ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުތަކުންނެވެ.

އުމަރު ޒާހިރު އޮފީސް ބިލްޑިންއަކީ ސަރުކާރު އޮފީސްތަކުގެ ކުއްޔަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ އޮފީސް އިމާރާތެކެވެ. ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނުގައި 25،000 އަކަ ފޫޓު ހުރެއެވެ.