ގއ.ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅައިފި

18 ޖެނުއަރީ 2023 - 12:17

ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅައިފިއެވެ.

ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތެއްގައި 50 ރޯހައުސްގެ ބިންގާ އަޅައިދެއްވީ ނޭޝަނަން ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ރައްޔިތުން މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ވިލިނގިލި ކައުންސިލް މެމްބަރުންނެވެ.

ވިލިނގިލީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ރޯހައުސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ ކުންފުންޏެއް ކަމަށްވާ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހުއެވެ. 48.2 މިލިއަން ރުފިޔާގެ އެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 270 ދުވަހެވެ.

ވިލިނިގިލީގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތަށް ހަރަދުކުރާނީ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ވިލިނގިލީގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ބެލްކަނި، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ އިންތިޒާމާއި މުނިފޫހިފިލުވައިލުމަށް ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ ކަމަށެވެ.