ފުވައްމުލަކުގައި 400، ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅަނީ

9 ޖެނުއަރީ 2023 - 17:59

ޏ. ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަދި ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފުވައްމުލަކުގެ 400 ހައުސިން ޔުނިޓް ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ފުވައްމުލަކުގެ 400 ހައުސިން ޔުނިޓް ގެ ބިޑު ހުޅުވުން ހަމަޖެހިފައި އޮތީ އަންނަ މަހު އަށެއްގަ އެވެ.

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމަށް ނިންމާ އެ މަޝްރޫއު ސަރުކާރުގެ ފަރާތުން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ފުވައްމުލަކަށް ވަޑައިގެން މާޗް 25، 2022ވަނަ ދުވަހުގެ ރޭ އެރަށުގެ ރައްޔިތުންނަށް ދެއްވި މާހެފުމެއްގަ އެވެ.

މާހެފުމުގައި ރައީސް ވިދާޅުވީ މިސަރުކާރުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ފުވައްމުލަކުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ. އެ ފްލެޓްތަކުގެ ތެރެއަށް އިތުރު 200 ފްލެޓް އިތުރުކޮށް ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ކުރިން ކުރި އިއުލާނު ބާތިލުކޮށް އަލުން ވަނީ އެ ރަށުގައި ހައުސިން ޔުނިޓް އަޅަން އިއުލާނުކޮށްފަ އެވެ.

މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 155،000 ރުފިޔާ ދައްކަން ޖެހެ އެވެ.

ކޮމަންޑޫގެ 30 ހައުސިން ޔުނިޓްގެ ބިޑު ހުޅުވުން ހަމަޖެހިފަ އޮތީ މި މަހުގެ 31 ވަނަ ދުވަހުއެ ވެ.