ހުޅުމާލޭގައި ކިޔަވާ ކުދިންނަށް ހާއްސަކޮށް މުޅިން އާ ކޮންސެޕްޓެއް: “ކޯލިވިންގ ހައުސިންގ” ޕްރޮޖެކްޓް

3 ޖެނުއަރީ 2023 - 4:02

ހުޅުމާލޭގައި މުޅިން އާ ކޮންސެޕްޓަކަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ "ކޯލިވިންގ ހައުސިންގ" ޕްރޮޖެކްޓް ބިންގާ އަޅައިފިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއަރ" ނުވަތަ އެހެން މީހުންނާއިއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއަރ ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓަރ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުންކަމަށް އެޗްޑީސީން ބުނެއެވެ.

ކޯ ލިވިންގ" ކޮންސެޕްޓަށް އެޗް.ޑީ.ސީ އިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެއެވެ. މީގެއިތުރުންވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ އެހެނިހެން ހިދުމަތްތަކެއް މި ބިލްޑިންގއިން ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓް ހަވާލްކޮށްފައިވަނީ، ރޯޓައިމް އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ އާއެވެ.

އެޗްޑީސީން ކުރި ދިރާސާތަކުން ދައްކާގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކައެެވެ. މި ފަރާތްތަކުގެ ތެރެއިން 56 އިންސައްތައަށް ވުރެއް ގިނަ ފަރާތްތަކުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި މި ފަދަ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ގެދޮރުވެރިކަމެއްގައި 1 އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން 2 ވަނަ ފަންގިފިލައިން ފެށިގެން 9 ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންގ އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުއްޔަށް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައިވެސް އެޗްޑީސީން ބުނެއެވެ.