އެންމެ ބޮޑު ފައިސާގެ އިނާމާއިއެކު ބާއްވާ ޤުރުއާން މުބާރާތް، ”ރަން ތާޖު” ލޯންޗުކޮށް އޮޑިޝަންގައި ބައިވެރިވުމަށް ހުޅުވާލައިފި

3 ޖެނުއަރީ 2023 - 3:46

ރާއްޖޭގެ އެންމެ ބޮޑު ޤުރުއާން މުބާރަތްކަމުގައިވާ "ރަން ތާޖު" ލޯންޗްކޮށް، ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ޤުރުއާން މުބާރަތަކީ ޔޫތު މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ބާއްވާ މުބާރާތެކެވެ.

ރާއްޖެ ޓީވީގައި ބޭއްވި ޚާއްސަ ޙަފުލާއެއްގައި މި މުބާރާތް ލޯންޗުކޮށްދިނީ ޔޫތު މިނިސްޓާ އަޙްމަދު މަޙްލޫފްއާއި އިސްލާމިކް މިނިސްޓާ އަޙްމަދު ޒާހިރު އަލީއެވެ. މި މުބާރާތުން އެއްވަނަ ލިބާ ފަރާތަކަށް 300،000 ރުފިޔާގެ ފައިސާ އިނާމު ލިބޭނެއެވެ.

މި މުބާރާތް ލޯންޗުކުރި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓާ އަޙްމަދު މަޙްލޫފް ވިދާޅުވީ، ކީރިތި ޤުރުއާން ރިތިކޮށް ކިޔަވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަކީ މުހިއްމުކަމެއް ކަމުގައެވެ. އަދި ރާއްޖޭގައި އެހެނިހެން ކަންކަމާ ގުޅޭ މުބާރަތްތަައް ފޯރީގައި ބާއްވާއިރު، ކީރިތި ޤުރުއާނަށް ޚާއްސަ މުބާރާތެއް ބޭއްވުމަކީ މުހިންމުކަމެއް ކަމުގައި މިނިސްޓާ ވިދާޅުވިއެވެ.

މުބާރާތް ކުރިއަށްދާނެ ގޮތާއި، މުބާރާތް ބާއްވާނެ ދުވަސްވަރާ ގުޅޭގޮތުން މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓާ އަޙްމަދު ޒާހިރު އަލީ ވިދާޅުވީ، ރަމަޟާން މަހަކީ އެފަދަ މުބާރާތެއް ބޭއްވުމަށް އެންމެ އައުލާކަން ބޮޑު މަސްކަމުގައެވެ.

މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 10 ސަރަޙައްދެއްގައި ކުރިއަށް ދާނެއެވެ. އެގޮތުން އޮޑިޝަންތައް ކުރިއަށްދާނެ ސަރަޙައްދުތަކަކީ:

  • ސ. ހިތަދޫ،
  • ފުވައްމުލަކު ސިޓީ،
  • ގދ.ތިނަދޫ،
  • ލ.ގަން،
  • ދ.ކުޑަހުވަދޫ،
  • އއ.ރަސްދޫ،
  • ބ.އޭދަފުށި،
  • ށ.ފުނަދޫ،
  • ހދ.ކުޅުދުއްފުށި
  • މާލެ ސިޓީ

މި އޮޑިޝަންތައް ކުރިއަށް ގެންދާނީ 15 ޖެނުއަރީއިން ފެށިގެން 15 ފެބްރުއަރީއާ ހަމައަށެވެ. އަދި އެ އޮޑިޝަންތަކުން 20 ބައިވެރިން ހޮވައި، އެ ބައިވެރިންގެ މެދުގައި ބާއްވާ ބުރުތައް މާލޭގައި ކުރިއަށް ދާނެއެވެ. މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން (އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ކާޑު ނަންބަރު، އޮޑިޝަންގައި ބައިވެރިވުމަށް ބޭނުންވާ ސަރަޙައްދު) ޖެހުމަށްފަހު، 450 އެސްއެމްއެސް ކުރާނީއެވެ.