ދާންދޫއަށް އަލަށް އިތުރު ކުރި ބިން ކައުންސިލާ ހަވާލުކޮށްފި

24 ޑިސެމްބަރ 2022 - 8:16

ގއ. ދާންދޫ އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް އެ ރަށުގެ ކައުންސިލާއި ހަވާލުކޮށްފިއެވެ.

ދާންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލާ ބިން ހަވާލުކުރެއްވީ ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރު ޢަބްދުالله ޝާހިދު އާއި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދުالله އާއި، ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދާންދޫ ބިން ހިއްކުމުގެ މަޝްރޫއަކީ ރައީސް ސޯލިޙުގެ ސަރުކާރުގައި ހިންގުނު ވަރަށް ހާއްސަ މަޝްރޫއެއް ކަމަށް އެމްޓީސީސިން ބުންޏެވެ. އަދި މި މަޝްރޫއަކީ އެމްޓީސީސީއަށް އަލަށް ގެނައި ބޮޑު ޖައްރާފާއިން ހިންގުނު ފުރަތަމަ މަޝްރޫއު ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

މިހާރުގެ ދާންދޫއާއި އަލަށް މި ހިއްކުނު ބިން ބްރިޖަކުން ގުޅާލެވިގެން ދާއިރު، މި އައު ބިން ވެގެން ދާނީ ޒަމާނީ ދާންދޫގެ އައު ޙަޔާތެއްގެ ފެށުމަށް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި، އައު އިންޖީނުގެއަށް ބޭނުންވާ ބިންވެސް ހިއްކާފައިވާ ކަމަށާއި ބަނދަރު މަތި ރަނގަޅަށް ހެދިގެން ދިޔުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު އަލަށް ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކާ، 2773 ވެލިބަސްތާ އަދި 41،451 ޓަނުގެ ހިލައިގެ ހިމާޔަތުގެ އައްސޭރިފަށެއް ވަނީ ގާއިމްކޮށްފައެވެ. އަދި 848 މީޓަރުގެ ރިވެޓުމަންޓު ވެސް ވަނީ ޖަހައިފައެވެ.

މިއީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.