ތ. ވިލިފުށީގައި އެއަރޕޯޓްއަޅަން 6 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފި

15 މާޗް 2021 - 16:05

ތ.ވިލުފުށީގައި ސަރުކާރުން ހަދަން ނިންމާފައިވާ އެއަރޕޯޓް ތަރައްޤީ ކުރުމަށް 6 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށްގެންދާ “ރަށްވެހި ފަތިސް” ކެމްޕެއިނުގައި ވާހަކަދައްކަވަމުން ރައީސުލް ޖުމްހުރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވީ ތ.އަތޮޅު ވިލުފުށީ އެއަޕޯޓުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް 6 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި މިހާރު ޝައުގުވެރިކަން ފާޅުކުރިފަރާތްތައް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާކަން ޔަގީން ކުރަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި ވައިގެ ބަނދަރު ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ 4 ރަށެއްގައި އެއަޕޯޓް ހަދާނެ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފައެވެ. މީގެ ތެރޭގައި ތ.ވިލުފުށީގެ އިތުރުން ދެން ހިމެނެނީ ބ.ތުޅާދޫއާއި ށ.ބިލަތްފައްސާއި ހދ.މަކުނުދުއެވެ.