ރާއްޖޭގައި ޑްރޯން އޮޕަރޭޓުކުރުމަށް އަންނަ އަހަރު ވަކި ހުއްދައެއް ދޫކުރަން ފަށަނީ

7 ޑިސެމްބަރ 2022 - 17:08

ރާއްޖޭގައި ޑްރޯން އޮޕަރޭޓް ކުރުމުގައި ހުއްދަ ނަގަން ޖެހޭ ގޮތަށް ހަދަން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނިންމައިފިއެވެ.

ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ނެރުއްވި ޚިތާބެއްގައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެފައިވީ، ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ޑްރޯން ބޭނުންކުރުމަށް ޚާއްޞަ ހުއްދައެއް ދިނުމާ ގުޅޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސޭނެ ކަމަށާއި، އެއާއެކު ޑްރޯން ބޭނުންކޮށްގެން އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަހި ފުރުސަތެއް ލިބޭނެކަމުގައި އޭނާ ވިދާޅުވިއެވެ.

މާލޭގެ ރަސްފަންނު ފިޔަވައި އެހެން ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓުކުރެވެނީ އެމްއެންޑީއެފްގެ ހުއްދައެއް އޮވެގެންނެވެ. 2016 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގައި ޑްރޯން އޮޕަރޭޓުކުރުމަށް އެމްއެންޑީއެފްގެ ހުއްދައެއް ނެގުން ލާޒިމުކުރީ އެއާޕޯޓެއް އޮތް ސަރަހައްދެއްގައި ޑްރޯން އޮޕަރޭޓުކުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެތީއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިފަދަ ވިސްނުމަކަށް ގޮސްފައިވާކަން ހާމަކޮށްފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހުގައި، ޓީއެމްއޭ އަދި މަންޓާއެއާގެ ފްލައިޓެއް ހުޅުމާލެ މަތިން ދަނިކޮށް ވަރަށް ކައިރިން ވީޑިއޯއެއް ކުރި މަންޒަރު މީސްމީޑިއާގައި އާންމުވުމާ ގުޅިގެން އެ މައްސަލަ ވަރަށް ހޫނުވެގެން ދިޔަކަން ފާހަގަކޮށްލަންޖެހެއެވެ.