ކާރިސާގެ ހާލަތުގައި އެހީވުމަށް ރާއްޖެ އާއި ތުރުކީން އެއްބަސްވުމެއްގައި ސޮއިކޮށްފި

7 ޑިސެމްބަރ 2022 - 16:55

ކާރިސާއާއި ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި ތުރުކީވިލާތުން ސޮއިކޮށްފިއެވެ.

ތުރުކީގެ ޑިޒާސްޓާރ އެންޑް އެމެޖެންސީ މެނޭޖްމަންޓް ޕްރެސިޑެންސީއާއި ރާއްޖޭގެ ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީއާއި ދެމެދުވި މި އެއްބަސްވުމުގެ މަޤުޞަދަކީ ކާރިސާއާއި ކުއްލި ހާލަތުގެ ދާއިރާއިން ދެޤައުމުގެ މެދުގައި އެއްބާރުލުންދީ ދެގައުމުން ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކޮށް އިތުރުކުރުމެވެ.

މިއެއްބަސްވުމުގައި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ ޑިޒާސްޓާރ އެންޑް އެމެޖެންސީ މެނޭޖްމަންޓް ޕްރެސިޑެންސީ ގެ ޗެއާމަން ޔޫނުސް ސެޒަރއެވެ. އަދި ޜާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިން ހިސާން ހަސަންއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިމިވަނީ ކާރިސާއާއި ކުއްލި ހާލަތްތަކަށް ހުށައެޅޭ ހިރާސްތައް ދެނެގަތުމާއިއެކު އެފަދަ ހިރާސްތައ ކުޑަކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ޤައުމުތަކުން މަޝްވަރާކުރުމަށް ތުރުކީގެ އިސްތަންބޫލްގައި ކުރިއަށްދާ މަތީދަރަޖައިގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން މައިގަނޑު ހަތަރު ދާއިރާއަކުން ދެގައުމުގެ ދެމެދު އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވެއެވެ.

މިގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކަކީ ކާރިސާއާއި ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގައި އެހީއަށް އެދިއްޖެނަމަ، އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ދާއިރާއާއި ކާރިސާތަކާއި ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ދަސްވެފައިވާ ކަންކަމާއި، ކުރެވިފައިވާ ތަޖުރިބާ އަދި މިދާއިރާގެ އެންމެ ރަނގަޅު އުޞޫލުތައް ދެފަރާތުގެ ދެމެދުގައި ޙިއްސާކުރުމާއި ދެޤައުމުގެ ކާރިސާއާއި ކުއްލި ނުރައްކަލުގެ ދާއިރާގެ ފަންނީ ބޭފުޅުންގެ ތަޖުރިބާ ޚިއްސާކުރުމަށް ދެޤައުމަށް ޒިޔާރަތްކުރުމާއި ކާރިސާތަކަށް ތައްޔާރުވުމާއި، އިޖާބަދިނުމުގެ ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތައް ހިންގުމެވެ.