ޥިނަރެސް އެޕްލިކޭޝަންތަކާއި ގުޅިގެން ހިންގޭ ހުރިހާ މުޢާމަލާތެއް ހިންގާނީ އެޗް.ޑީ.ސީގެ މައި ހުޅުމާލެ ޕޯޓަލް އިން: އެޗް.ޑީ.ސީ

6 ޑިސެމްބަރ 2022 - 3:34

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢޫއިން ފުލެޓް ބައްލަވައިގަތުމަށް ފޯމް ހުށަހެޅި ފަރާތްތަކުން އެޗް.ޑީ.ސީގެ ފައިނޭންޝަލް އިވެލުއޭޝަންއަށް ހޮވިފައިވާ ފަރާތްތަކަށް ބޭނުންވާ އިތުރު ލިޔެކިއުން ހުށަހެޅުމަށާއި މިކަމާއި ބެހޭ މަޢޫލޫމާތު ދިނުމަށް ބާއްވަން ހަމަޖެހިފައިވާ އޯޕަން ޑޭ މާދަމާ 06 ޑިސެމްބަރު 2022 އިން ފެށިގެން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާގޮތަށް ހަމަޖައްސައިފިއެވެ.

އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ވޯޓާސްއެޖްގައެވެ. އަދި ވަކިން ކޮންމެ ފަރާތަކަށްވެސް އެޕޮއިންޓްމަންޓް ގަޑިއެއް ކަނޑައެޅިފައިވާ އިރު، މިކަމާ ބެހޭ ހުރިހާ މަޢުލޫމާތެއް ވެސް ހިއްސާ ކުރެވިގެން ދާނީ މިކަމަށް ޙާއްސަކޮށްފައިވާ މައި ހުޅުމާލޭ ހައުސިންގ ޕޯޓަލް މެދުވެރިކޮށެވެ.

މީގެ އިތުރުން، އެޗް.ޑީ.ސީން ވިނަރެސް އާ ގުޅޭ ހުރިހާ މަޢޫލޫމާތެއް ވެސް ކުރިއަށް ގެންދާނީ ޕޯޓަލް މެދުވެރިކޮށް ކަމަށް އެކުންފުނިންވަނީ ފާހަގަ ކޮށްފައެވެ. އެޗްޑީސީން ބުނެފައިވަނީ އެއްވެސް ލިންކެއް އަދި ފައިސާގެ މުޢާމަލާތެއް ފޯނުން ގުޅައިގެން އެކުންފުނިން ނުހިންގާނެ ކަމަށާއި، ނަމަވެސް މައިހުޅުމާލެ ޕޯޓަލް އިން ވިނަރެސް އެޕްލިކޭޝަންގެ ސްޓޭޓަސް ބަދަލުވާކަމުގެ ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ. ވިނަރެސްއާއި ބެހޭގޮތުން އިތުރު މަޢޫލޫމާތެއް ހިއްސާ ކުރާނަމަ ގުޅާނީ އެކޯޕަރޭޝަންގެ ނަންބަރ 3353535 އިން އެކަނި ކަމަށްވެސް އެޗްޑީސީން ނެރެފައިވާ ޕްރެސް ރިލީޒްގައި ބުނެފައި ވެއެވެ.

މިގޮތުން މިދުވަސް ވަރަކީ އޮޅުވާލައިގެން ސްކޭމްތައް އާއްމު ވެފައިވާ ދުވަސްވަރަކަށް ވެފައި، މި ފަދަ މަސައްކަތްތަކަށް ބޭނުން ކުރާ މަޢޫލޫމާތުގެ ހައްސާސް ކަމުން، މި ހުރިހާ ކަމަކަށް ވެސް އެންމެހާ ބޭފުޅުން ވެސް ސާމާލުވުމަށް އެޗްޑީސީން އިޢުތިމާސް ކޮށްފައި ވެއެވެ.