ރާއްޖޭގެ ޓޫރިޒަމަށް އައުބާބެއް: އާބަން ޓުއަރިޒަމްގެ “އާބަން އައިލް” މަޝްރޫއު އެޗްޑީސީން ތައާރަފުކޮށްފި

30 ނޮވެމްބަރ 2022 - 18:06

އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލް، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ތައާރަފު ކޮށްފިއެވެ. އާބަން އައިލް އަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން މި ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެއެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ  އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭނެއެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެއެވެ. މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެއެވެ.

މިފަދަ ގިނަ ޑިވަލޮޕްމަޏްޓުތަކެއް ހިމެނިފައި ވުމުން، އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށެވެ. ވެލާނާ އިންޓަރނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، މިތަނުގައި އެޗް.ޑީ.ސީން ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗަރ ގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެއެވެ. އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗަރއެއް، އެޗް.ޑީސީން މިވަގުތު ގާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް އެކުންފުނިން އިސްކަންދެއެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗަރ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް އެޗް.ޑީ.ސީން ވަނީ ރާވާފައެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމީ ޔަގީންކަމެކެވެ. މީގެ އިތުރުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފް.އެން.ބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

ފަތުރުވެރި ކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސޯދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ސީދާ ގޮތުންނާ ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައްބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެއެވެ. އާބަން އައިލްގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައި، އިގުތިސޯދީ އެތައް ކުރިއެރުންތަކެއް ލިބި، އަދި  މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެއެވެ.