ފިނޭ އާއި މުލީ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއަށް

28 ނޮވެމްބަރ 2022 - 16:50

ހދ. ފިނޭ އާއި މ. މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި ބްރޭކްވޯޓާ ޖެހުމާއި ރިވެޓްމަންޓް ޖެހުމާއި ގްރޮއިން ޖެހުމާއި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި ސްކޯރިން އެޕްރަނެއް ހެދުމާއި މޫރިން ބޮއި ހަރުކުރުމާއި ރޭމްޕެއް ހެދުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމާއި މަގު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 47.2 މިލިއަން ރުފިޔާއަށެވެ.

މުލީ ބަނދަރުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި ސޭންޑްފިލް ބްރޭކްވޯޓާ ޖެހުމާއި ރިވެޓްމެންޓް ޖެހުމާއި އެއްގަމު ތޮށި ލުމާއި ސްކޯރިން އެޕްރޮން ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަދި މޫރިން ބޮއި ހަރުކުރުމާއި ރޭންޕެއް ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި ކޮންކްރީޓް ބްރިޖެއް ހެދުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމާއި މަގު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 65.5 މިލިއަން ރުފިޔާއަށެވެ.