ހުޅުމާލޭގައި ވިޔަފާރިތަކަށް ބޮޑު ލުޔެއް: ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރި ކުރުމަށް ހުއްދަދެނީ

24 ނޮވެމްބަރ 2022 - 17:41

ހުޅުމާލޭގައި ވިޔާފާރިތައް ކުރިއެރުވުމުގެ ގޮތުން އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރިކުރުމަށް ހުއްދަދިނުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީ އިން ބުނީ ހުއްދަ ދޫކުރުމަށް  ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން ހުޅުމުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އެގޮތުން، ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތްދޭ ވިޔަފާރި ފުރަތަމަ ފަންގި ފިލާގައި ކުރެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. 

އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރިކުރުމަށް ހުއްދަ ދޫކުރެވުނު ނަމަވެސް، ހުޅުމާލެގެ އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާގައި އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.  އެގޮތުން، ގަރާޖު އަދި ގުދަންކުރުމަށް ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ބޭނުންކުރުމަކީ މަނާކަމެކެވެ.

ހުޅުމާލެގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ކޮމާޝަލް ބޭނުންތަކަށް ދޫކުރަން އެ ކޯޕަރޭޝަނުން ނިންމީ، މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓްގެ އެދިލެއްވުމަކަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުމުގެ ގޮތުން އަދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ. ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އެ ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަަމަށް އެޗްޑީސީ އިން ބުނެއެވެ.

ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅޫމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާނެކަމަށް އެޗްޑީސީއިން ފާހަގަކުރެއެވެ. އަދި  މިކަމުގެ ސަބަބުން އާންމުންނަށް ލުއިފަސޭހަވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި ދިޔުމަށްވެސް މަގުފަހިވެގެންދާނެއެވެ.