އެޗްޑީސީއާއި ރިދަމް ފިޓްނަސްއާއި ގުޅިގެން ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް ހިންގަނީ

23 ނޮވެމްބަރ 2022 - 17:06

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް ހިންގުމަށް ރިދަމް ފިޓްނަސްއާއިއެކު އެޗްޑީސީން އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އޯނަރ، އަޒީރާ ސޯދިގެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ހުޅުމާލެގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މަގުފަހިކޮށްދިނުމެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން ދޮށީ އުމުރުގެ އަންހެނުންނަށް ހިލޭ ކްލާސްތަކެއް ރިދަމް ފިޓްނަސްއިން ނަގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމާއިބެހޭ މައުލޫމާތު ރިދަމް ފިޓްނަސްގެ އިންސްޓަގްރާމް ޕޭޖުން އާންމުންނަށް ފޯރުކޮށްދެމުން ދާނެކަމަށް އެޗްޑީސީން ހާމަ ކޮށްފައި ވެއެވެ.

ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމަށްޓަކައި އެޗްޑީސީގެ ފަރާތުންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެޗްޑީސީން ވަނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ތަފާތު ޕްރޮގްރާމްތައް މީގެކުރިންވެސް ހިންގާފައެވެ. ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން މިދިޔަ އޮގަސްޓް މަހު އެޗްޑީސީގެ ފަރާތުން ވަނީ ދޮށީއުމުރާއި ސިއްހަތުގެ ނަމުގައި ހާއްސަ މަންސައެއް ވެސް ބާއްވާފައެވެ.

ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، އާންމުން މިކަމަށް ހޭލުންތެރިކުރުވުމަށް އެ ކޯޕަރޭޝަންގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަމުން ދާކަމަށް އެޑީސީން ވަނީ ބުނެފައެވެ. މިގޮތުން، މިއަދު މިވެވުނު އެއްބަސްވުމަކީ ދޮށީ އުމުރުގެ ބޭފުޅުންނަށް ވަރަށް ބޮޑު ފައިދާއެއްވާނެ ކަމެއްކަމަށް ދެކޭކަމަށްވެސް އެޗްޑިސީން ވަނީ ބުނެފައެވެ.