އެޗް.ޑީ.ސީ އިން ސިޓީ ޕޮސިބަލްގެ މެމްބަރަކަށްވުމަށް މާސްޓަރކާޑާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

22 ނޮވެމްބަރ 2022 - 16:41

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޕޭމަންޓް އިންޑަސްޓްރީގެ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މާސްޓަރކާޑާއިއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެޗް.ޑީ.ސީން ބުނީ މިއެއްބަސްވުމުގެ ސަބަބުން މާސްޓަރކާޑުގެ ސިޓީ ޕޮސިބަލް ނެޓުވޯކުގެ މެމްބަރޝިޕް ލިބޭނެކަމަށެވެ. ސިޓީ ޕޮސިބަލްއަކީ ދުނިޔޭގެ އެކި ސިޓީތަކާއި، ވިޔަފާރިތަކާއި، ތަޢުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި އަދި އުފެއްދުންތެރި އާބަން ތަރައްގީ ގެނައުމަށް އެކުލަވާލެވިފައިވާ ވިއުގައެކެވެ.

މީގެ 3 އަހަރު ކުރިން އުފެދިގެންއައި މި ނެޓުވޯކުގައި މިހާރު 50 ގައުމުގެ މައްޗަށް އެކުލެވޭހެން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށްވުރެ ގިނަ ކޮމިއުނިޓީ ހިމެނެއެވެ. ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްޤީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.  

މި ނެޓުވޯކުގެ މެމްބަރަކަށް ވުމުން، އެޗް.ޑީ.ސީން ކުރިއަށްގެންދާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ. މިގޮތުން އެހެން ސިޓީތަކުގައި ބޭނުން ކުރެވެމުން އަންނަ ތަފާތު ސްމާޓް ސޮލިއުޝަންތަކާބެހޭ ތަޖުރިބާކާރު މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް ދިވެހިރާއްޖޭގައި، އަދި ހުޅުމާލެ ފަދަ ސިޓީއެއްގައި އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެގިގެން ދާނެއެވެ. އަދި ހުޅުމާލެ ތަރައްޤީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މަގުފައިވެގެންދާނެކަމަށް ވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ. 

އެޗް.ޑީ.ސީން ބުނީ އެކުންފުނިން ދަނީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށްޓަކައި އެކޯޕަރޭޝަންގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. މިގޮތުން އޯޕަން އެކްސެސް ނެޓުވޯކަކާއިއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ހުޅުމާލޭގައި ގާއިމުކޮށް ތަފާތު ޑިޖިޓަލް ސޮލިއުޝަންތައް ތައާރަފު ކުރަމުން ދާކަމަށް އެކޯޕަރޭޝަނުން ބުނެފައި ވެއެވެ.