ށ.ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހަދަން އެރަށު ކައުންސިލާ ޙަވާލުކޮށްފި

13 މާޗް 2021 - 14:34

އިންޑިޔާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ، ށ.ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރުގެ މަޝްރޫޢު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ފޯކައިދޫ ކައުންސިލާ ޙަވާލުކޮށްފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 69ވަނަ މާއްދާގައިވާ ގޮތުގެ މަތީން މި މަޝްރުޢު ފޯކައިދޫ ކައުންސިލާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަޠީފެވެ. ފޯކައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް މުހައްމަދު ރާޝިދެވެ.

މިމަޝްރޫއަކީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބަޔަކާ ޙަވާލުކޮށް ކޯވިޑް-19ގެ ޙާލަތާއި އެނޫނަސް ތަފާތު އެކިސަބަބުތަކާހުރެ ކުރިއަށް ނުގެންދެވި އޮތުމުން ކުރީގެ ކޮންޓްރެކްޓް ބާޠިލްކޮށްފައިވާ މަޝްރޫޢެކެވެ. މިމަޝްރޫއަކީ 5،219،890.50 (ފަސް މިލިއަން ދެ ލައްކަ އޮނަވި ހާސް އަށް ސަތޭކަ ނުވަދިހަ ރުފިޔާ ފަންސާސް ލާރި)ގެ އަގުހުރި މަޝްރޫއެކެވެ.

ކައުންސިލްތަކާ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް އެލްޖީއޭއިން ކުރިއަށްގެންދާ މަސައްކަތުގެ ތެރއިން މިއީ މިހާތަނަށް ހަވާލު ކުރެއްވި 4ވަނަ މަޝްރޫޢެވެ.