ހިޔާ ޕާކާއި ފޭސް 1ގައި ތަރައްޤީކުރާ ބީޗު ބުލެވާރޑްގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރ 2022 - 17:24

ހުޅުމާލެ ފޭސް ދޭއްގައި ޕާކެއް ހެދުމަށާއި ފޭސް 1 ގައި ބީޗު ބުލެވާރޑެއް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

މިކަމުގެ މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލި މަނިކެވެ.

މިއެއްބަސްވުމުގެ ދަށުން އާރް.ޑީ.ސީއާއި ހަވާލުކޮށްފައިވަނީ، ހުޅުމާލެ ފޭސް 2 ގައި ޕާކެއް ހެދުމުގެ އިތުރުން ހުޅުމާލެ ފޭސް 1 ގެ ބީޗް ބުލެވަރޑް މިހާރަށްވުރެ ޝައުޤުވެރިކަން އުފެދޭނެ މާހައުލެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށެވެ.

އެގޮތުން ހިޔާ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން ގާޑަން އޭރިއާ، އެލެވޭޓެޑް ޕާތުވޭ އަދި ޕްލާޒާ ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި ބީޗް ބުލެވާޑްގެ މަސައްކަތުގެ ތެރެއިން ޕާތުވޭތަކާއި، ރޭމްޕް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އާރް.ޑީ.ސީން ބުނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ، 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.