މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމުގެ މަސައްކަތްތަކަށް، އެމެރިކާއިން 2.4 މިލިޔަން ރުފިޔާގެ ހިލޭ އެހީ

17 ސެޕްޓެމްބަރ 2022 - 10:07

މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) އިން ރާއްޖެއަށް 2.4 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމައި އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިއީ މިފަދަ މަސައްކަތްތައްކުރުމަށް ދިވެހި ސަރުކާރާއެކު ސޮއިކުރި ފުރަތަމަ އެއްބަސްވުންވެސް މެއެވެ. މި ހިލޭއެހީގެ ދަށުން ބ. ގޮއިދޫގެ ކުޅިއާއި ޗަސްބިމާއި، ގޮއިދޫ، ފުޅަދޫ ފެހެންދޫ ހިމެނޭގޮތަށް ގޮއިދު އަތޮޅުގެ ފަރުތައް ރައްކާތެރިކޮށް، ބެލެހެއްޓުމަށް އެކި ދާއިރާތަކުން، ގުޅިގެން މަސައްކަތްކުރުމަށް އެހީވެދޭނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފައިވެއވެ.

އަދި ޔޫ.އެސް.އޭ.އައި.ޑީ އާއިއެކު ރާއްޖެއިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިޖުތިމާއި އަދި އިގުތިސާދީ ގިނަގުނަ ފައިދާ މުޖުތަމައުއަށް ފޯރުކޮށްދޭނެ އިކޯ-ޓުއަރިޒަމްގެ މޮޑެލެއް ގާއިމުކޮށް، ޕަބްލިކް-ޕްރައިވެޓް ޕާރޓްނަރޝިޕް ކުރިއަރުވައި، ބ.ގޮއިދޫ ކުޅިއާއި ޗަސްބިމާއި، ގޮއިދު އަތޮޅުގެ ފަރުގެ ނިޒާމު މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މޮޑެލްއެއްގެ ގޮތުގައި ތަރައްގީކުރެވޭނެ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ހާމަކުރައްވާފައި ވާ ގޮތުގައި، މިގްރާންޓަކީ ޔޫ.އެސް.އޭ.އައި.ޑީގެ ކްލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން މިއަހަރު ހަވާލުކޮށްފައިވާ ހަތަރުވަނަ ހިލޭއެހީއެވެ. މި ހަރަކާތަކީ، 5 އަހަރުގެ މުއްދަތަށް ހިންގާ، 10.5 މިލިއަން ޑޮލަރުގެ ހަރަކާތެކެވެ.