މަނަދޫގައި 40 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފި

15 އޯގަސްޓް 2022 - 13:38

ނ މަނަދޫގައި 40 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މި މަޝްރޫއު މަސައްކަތް ހަވާލުކޮށްފައިވަނީ، ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.

މިމަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ޙަމްދޫނެވެ.

ހައުސިންގ މިނިސްޓްރީން ބުނީ، މިމަޝްރޫއުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 40،315،837.96 (ސާޅިސް މިލިއަން ތިން ލައްކަ ފަނަރަހާސް އައްސަތޭކަ ތިރީސް ހަތް ރުފިޔާ ނުވަދިހަ ހަ ލާރި) އަށް ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށްގެންދާ މިމަޝްރޫއުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން ތަރައްޤީކުރާ ކޮންމެ ޔުނިޓެއްގައި 700 އަކަފޫޓު ހުންނާނެ ކަމަށެވެ. މިއިން ކޮންމެ ޔުނިޓެއްގައި ހިމެނެނީ، 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގެއާއި، ކާގެއާއި، ލޯންޑަރީ، އަދި ސްޓޯރ ރޫމެވެ. މީގެއިތުރުން މި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމު ކުރުމަށް ޔުނިޓު ވަށައިގެން އަލި ކުރެވޭނެ ކަމަށާއި، ޕާރކްއަކާއި، ވެހިކަލް ޕާރކް ކުރާނެ ޖާގައެއްވެސް ޤާއިމު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.