ހއ.ދިއްދޫގައި 75 ރޯހައުސް އިމާރާތްކުރަން ހަވާލުކޮށްފި

10 އޯގަސްޓް 2022 - 12:20

ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓު އަޅަން، 120 މިލިއަން ރުފިޔާއަށް ސަރުކާރުން މިއަދު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދުއެވެ.

ދިއްދޫގައި ރޯހައުސް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 120405400.00 (ސަތޭކަ ވިހި މިލިއަން، ހަތަރު ސަތޭކަ ފަސް ހާސް، ހަތަރު ސަތޭކަ) ރުފިޔާގެ މަޝްރޫޢެކެވެ.

މި މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްކަމަށެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓިންގ ރޫމާއި ބަދިގޭގެ އިތުރުން ކާގެއާއި ލޯންޑްރީ އަދި ސްޓޯ ރޫމެއްވެސް ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ވަށާފާރާއި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވިގެންދާނެއެވެ. އަދި ޕާކެއްގެ އިތުރުން ވެހިކަލް ޕާކު ކުރާނެ ސަރަޙައްދެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމް ކުރެވިގެންދާނެއެވެ.

ޕްލޭނިންގ މިނިސްޓްރީގައި ކުރިއަށްދިޔަ މި އެއްބަސްވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ، އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން ވެފައިވާ ވައުދުފުޅެއްކަމަށެވެ. މި މަޝްރޫޢާއެކު ވީހާވެސް އަވަހަށް ރަށަށް ދިމާވެފައިވާ މި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރެވޭކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.