އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތް އެޅުމަށް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފި

10 އޯގަސްޓް 2022 - 12:08

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 6 ފަންގިފިލާގެ އައު އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކު އެމްޓީސީސީއިން ސޮއިކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ އޮފް ކޯޕަރޭޓް ސަރވިސަސް ނިޝްފާ ފިރާގެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭނުމަށް ތަރައްގީކުރާ މި އިމާރާތަކީ، 17،426.40 އަކަފޫޓުގެ ސަރަހައްދެއްގައި ޖުމްލަ 77،718.10 އަކަފޫޓުގެ ޖާގަ ލިބޭގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.

އެމް.ޓީ.ސީ.ސީން ބުނީ، ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެ ކަމަށެވެ. މި މަޝްރޫއު 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ. މިމަޝްރޫއަކީ، 138.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.