އެޗްޑީސީގެ ފަރާތުން “ދޮށީ އުމުރާއި ސިއްޙަތު” ގެ ނަމުގައި މަންސައެއް

9 އޯގަސްޓް 2022 - 16:34

އިސްރައްވެހިންނަށް ދުޅަހެޔޮ ސިއްހަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން “ދޮށީ އުމުރާއި ސިއްޙަތު” ގެ ނަމުގައި މަންސައެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިއީ، އެޗްޑީސީ އާއި ހުޅުމާލެ ހޮސްޕިޓަލް އާއި ކޮމިއުނިޓީ ނާރސް ވޮލުންޓިއާރސް އަދި ޝާލޫ ދި ޓްރެއިނަރ ގުޅިގެން ބޭއްވޭ ހަރަކާތެކެވެ. މި ޕެނަލް ޑިސްކަޝަންގައި ހަކުރުބަލި އާއި ލޭމައްޗައް ދިޔުމާއި ކޮލެސްޓްރޯލް އަދި ދޮށީ އުމުރުގެ ބޭފުޅުންގެ ކެއުންބުއިމުގެ އާދަކާދައާއި ކަސްރަތުގެ މުހިއްމުކަމާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 13 އޮގަސްޓް 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލެ ހިޔާ ޕާކް ސަރަހައްދުގައެވެ. މި ހަރަކާތް ކޮންމެ މަހަކުވެސް އެޗްޑީސީއިން އިސްނަގައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، އިސްރައްވެހިންގެ ގުޅުން ބަދަހިކޮށްދީ ސިއްޙީ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ ރައްޔިތުން ވީހާވެސް ބޮޑަށް ހޭލުންތެރިކުރެވުމެވެ. މީގެއިތުރުން، މިތަނުގައި ހުންނަ ސްޓޯލްތަކުން ލޭގެ ޕްރެޝަރ ޗެކް ކުރުމާއި ހަކުރު ޗެކް ކުރުން އަދި ސިއްހީ ގިނަ މައުލޫމާތުތަކެއް ބައިވެރިންނާއި ހިއްސާކުރެވިގެންދާނެއެވެ. އަދި އޮށްވަޅުގޮނޑި ފަދަ ގިނަ ކުޅިވަރުތައްވެސް ކުރިޔަށް ގެންދެވޭނެއެވެ.

މަންސަ އަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ކަމުގައިވާ ހޭޑި ފޭޑި ޕްރޮޖެކްޓްގެ ދަށުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ތައާރަފްކޮށްފައިވާ ޓޯކް ޝޯ ސީރީސްއެކެވެ. މަންސަ އަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކާއި ހިޔާލު ހޯދުމަށްޓަކައި މިކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ. އަދި އެހެން ޖަމިއްޔާތަކާއި ގުޅިގެން ރައްޔިތުންނާއިއެކު ރައްޔިތުންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ހޭޑިފޭޑި ޕްރޮގްރާމުގެ ދަށުން ތައާރަފުކުރެވުނު މަންސަ މަޝްރޫޢުގެ ބައެކެވެ.

މި ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މަންސަގެ ގިނަ ހަރަކާތްތަކެއް އެކި ފަހަރު މަތިން އެ ކޯޕަރޭޝަނުން ވަނީ ބާއްވާފައެވެ. އެގޮތުން މިއަދާއި ހަމަޔަށް 15 މަންސަ ޓޯކް ޝޯއެއް ވަނީ ބޭއްވިފައެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް އެ ކޯޕަރޭޝަނުން މިފަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވެއެވެ.