ހއ.ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސްގެ ބިންގާއަޅައިފި
31 ޖުލައި 2022 - 1:51
ކުޑަކުދިންގެ ޢަދުުލުގެ ނިޒާމްގެ ތެރޭގައި ހިމެނިގެ، ޑިޕާޓްމަންޓް އޮފް ޖުވެނައިލްޖަސްޓިސްއިން ތިލަދުއްމަތީ އުތުރުބުރީ ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސްގެ ބިންގާ އަޅައިފިއެވެ.
ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިމްރާން ޢަބުދުﷲ އެވެ.
މިހާފްވޭ ހައުސްއަކީ، އެކިކުށްކުށުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން ބައިތިއްބައި އެކުދިން ރިހެބިލިޓޭޓް ކުރުމަށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރެއިން ހެދޭ ތަނެކެވެ.
މިތަން އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއަށެވެ. މިއަހަރުގެ ފަހުކޮޅުގައި މިއިމާރާތުގެ މަސައްކަތް ނިންމައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ހަވާލު ކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ހާފްވޭ ހައުސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ހޯމް މިނިސްޓަރ އިމްރާން ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޯރަފުށީގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.