ފެނާއި ނަރުދަމާ ނުނިމި ހުރި ރަށްރަށުގެ މަސައްކަތް ތިން މަސް ދުވަހުގެތެރޭގައި ފެށޭނެ: ރައީސް

10 މާޗް 2021 - 14:22

ފެނާއި ނަރުދަމާ ނުނިމި ހުރި ރަށްރަށުގެ މަސައްކަތް ކުރިއަށް އޮތް ތިން މަހެއްހައި ދުވަސްތެރޭ ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތްތަކަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ހިދުމަތްތަކެއް ކަމަށާއި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މިހާރު މަސައްކަތް ހަވާލު ކޮށްފައިވާ ރަށްތަކުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ފަށާނެ ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދައި ދޭނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ މިދިޔަ މަހު އެކަނިވެސް 15 ރަށެއްގެ ފެނައި ނަރުދަމާގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލު ކޮށް އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ކަމަށެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.