އެމް.ޓީ.ސީ.ސީން ބަސް ޑްރައިވަރުންގެ ތަމްރީން ޕްރޮގްރާމުުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

22 ޖޫން 2022 - 18:31

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހުނަވަރު ޕްރޮގްރާމްގެ ދަށުން ބަސް ޑްރައިވަރުންނަށް ހިންގާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ، 3 މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިތަމްރީން ޕްރޮގްރާމްގެ ދަށުން 35 ބަސް ޑްރައިވަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިތަމްރީންތައް ކުރިޔަށްދާ މުއްދަތުގައި އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ހަފްތާއަކު 6 ދުވަހު ކުރިޔަށްގެންދާ މިތަމްރީންތަކަށް ދުވާލަކު އަށް ގަޑިއިރު ހޭދަވާނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ B1 ،ނުވަތަ B2 ކެޓަގަރީގެ ލައިސަންސް ހާސިލްކޮށްފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި 18 އަހަރު ފުރިފައިވާ، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ސިއްހަތު ރަނގަޅު މީހަކަށް ވާން ޖެހޭނެ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅާނީ، އެމްޓީސީސީގެ އޮންލައިން ޖޮބް ޕޯޓަލް https://mtcc.mv/careers މެދުވެރިކޮށެވެ.

އެމް.ޓީ.ސީ.ސީން ދެމުންދާ ބަހުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން އިތުރު ބަސްތައް ގެނައުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. އަދި މިބަސްތައް ދުއްވާނެ ޑްރައިވަރުން ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބަސްތައް ދުއްވާނެ ތަމްރީން ލިބިފައި ތިބި ޑްރައިވަރުން ހޯދުމުގެ މަަސއްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

އެމް.ޓީ.ސީ.ސީން ވަނީ، 'އެއްގަމު ދަތުރުފަތުރުގެ ދާއިމީ ޙައްލު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރަށްވެހިންނަށް' މި ނަމުގައި އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަހުގެ ޚިދުމަތް މިމަހުގެ 15 ވަނަ ދުވަހު ތަޢާރަފްކޮށްފައެެވެ. ގްރޭޓަރ މާލެ ރީޖަންގެ ޓްރާންސްޕޯޓް ލިންކުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ދަށުން އެމްޓީސީސީން ވަނީ 86 ފަސިންޖަރުންގެ ޖާގައިގެ 15 ބަސް ގެނެސްފައެވެ.