މާފުށީގެ ކުނި މެނޭޖުކުރުމަށް ސްޓެލްކޯއިން ހަވާލުވެއްޖެ

22 ޖޫން 2022 - 18:15

ކ. މާފުށީގެ ކުނި މެނޭޖުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަވާލުވެއްޖެ އެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އެވެ. އަދި މާފުށީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެކައުންސިލްގެ ރައީސް ހަސަން ސޮލާހު އެވެ.

ސްޓެލްކޯއިން މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާއި ހަވާލުވި އިރު އެރަށުގައި ފެނާއި ކަރަންޓާއި ފެނުގެ ހިދުމަތް ވެސް ދެނީ އެކުންފުނިންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭހައި މާފުށްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ރަނގަޅު ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ވެސް ގާއިމްކޮށްދެއްވާނެކަމަށް ވިދާޅުވި އެެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މާފުށީގައި ކުނި މެނޭޖްކުރަން ފެށުމަކީ އަދި ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި އަދި މާފުށި ކައިރީގައި އޮންނަ ކ. ގުޅި އަދި ގުރައިދޫއަށް ވެސް އެ ހިދުމަތް ފުޅާ ކުރައްވާނެ ކަމަށެވެ.