ކަރަންޓް މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތަށް ފެނަކައިން ބޮޑު އިންގިލާބެއް

19 ޖޫން 2022 - 1:24

ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރު ޓެސްޓް ކުރުން، މުޅި ރާއްޖޭގައި، އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިހާރަށްވުރެ އަވަސް މަގުން މީޓަރު ޓެސްޓުކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސް މިނުގައި ދެމެހެއްޓެނިވި ހިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ފެނަކައިން މީޓަރު ޓެސްޓިން ބެންޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން، މީޓަރު ޓެސްޓް ކުރުމުގެ ހިދުމަތް، މި މަސް ނިމުމުގެ ކުރިން ތައާރަފު ކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުން ނެވެ.

ފެނަކައިން ބުނީ، އެ ހިދުމަތް ތައާރަފު ކުރުމުން، މިހާރު ރައްޔިތުންނަށް އެ ހިދުމަތް ލިބޭ އަގަށްވުރެ އެތަށް ގުނައެއް އަގު ހެޔޮވެ، މިހާރު ހިދުމަތަށް ނަގާ މުއްދަތަށް ވުރެ އަވަސްކޮށް ހިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.

އަދި ކުންފުނީގެ އަމާޒަކީ، ކުރިއަށް އޮތް ތަނުގައިވެސް، ޔުޓިލިޓީ ހިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކްލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ހައްލު ހޯދައިދެވޭނެ މަގު ފަހި ކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ވެސް ފެނަކައިގެ އަމާޒެކެވެ.