ނައިބްރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެވަޑައިގެންފި

12 މެއި 2022 - 9:17

ނައިބް ރައީސް ފައިސަލް ނަސީމް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ނައިބްރައީސްގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، ނައިބް ރައީސް ވަނީ "ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މަޢުޟޫއަށް އ.ދ.ގެ އާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަޤްރީރު ކުރައްވާފައެވެ. މި ބަހުސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުއިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ( ޔޫ.އެން.ޑީ.ޕީ)އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް ( ޔޫ.އެން.އީ.ޕީ) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް ގުޅިގެން އިންތިޒާމު ކުރި ބަހުސްއެކެވެ.

މި ބަހުސްގައި ތަޤްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް މަގު ތަނަވަސްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން މުހިންމު ދައުރެއް އަދާކުރިކަމުގައި ވިދާޅުވެފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ޢަބްދުﷲ ޝާހިދުއާ އަދި އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ވެސް ބައްދަލުކުރައްވާފައެވެ