މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދޭނަން: ރައީސް ސޯލިހު

9 މެއި 2022 - 10:34

މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ހައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދެކުނުގެ އިސް މަސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ މަސްވެރިންނަށް ހުރި ދަތިތައް ހައްލުކޮށް މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް މި ސަރުކާރުން މިހާރުވެސް ފަށައިގެން މަސައްކަތްތަކެއް ކުރަމުންގެންދާކަމަށާއި، އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

 މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު އިސް ކެޔޮޅުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށާއި، އެގޮތުން ދެކުނުގެ މަސްވެރިކަމުގެ ތަރައްގީއަށް ކުރެވޭ ކަންކަން ކުރިޔަށްގެންދިއުމުގައި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ. ދެކުނުގެ މަސްވެރިން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަސްވެރި މޫސުމުގައި ބާނާ މަސްކިރޭނެ ގޮތްނުވުމާއި، ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާއި ގުޅިގެން މަސްތައް ހަލާކުވުމާއި، މީގެ އިތުރުން މަސްބާނާ ސަރަޙައްދުން މަސްކިރަންދާންޖެހޭ ސަރަޙައްދަށް ދިއުމަށް ދިގުދަތުރެއް ކުރަންޖެހޭތީ ދިމާވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން މަސްވެރިން ވަނީ ދުރަށް ދުއްވަންނުޖެހި މަސްކިރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި އަދި ފަރެސްމާތޮޑާ ސަރަޙައްދުގައި މަސްފެކްޓްރީއެއް ހެދުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ.