މާލެއިން ލިބިފައިވާ ބިންކޮޅު ދޫކޮށްލުމުން ގޯތިލިބޭ މަޝްރޫއުއެއް ފަށަނީ

8 މާޗް 2021 - 14:24

މާލެއިން ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން އެ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް މި އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރައްވެހި ފަތިސް ކެންޕެއިންގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ހާއްސަ ދެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އެއް މަޝްރޫއަކީ ލޯން މަޝްރޫއެއް ކަމަށާ އަނެއް މަޝްރޫއަކީ މާލެއިން ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން އެ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް ކަމަށެވެ. ރައީސް ވިދާޅުވީ މިއަހަރު މެދުތެރޭ އެ މަޝްރޫއު ފެށޭއިރު އެކަމުގެ ތަފްސީލް އާންމުކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވަނީ މާލެ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓް އެޅުމަށް ނަމަވެސް މި ދައުރުގެ ތެރޭގައި 15،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރުވެސް 1000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށި ފައުންޑޭޝަންގެ މަސައްކަތް ނިމިފައިވާއިރު އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެމްބީސީސީއާއެކު އެގްރިމަންޓް ކޮށްފައިވާ ކަމަށެވެ. އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ އެއްބަސް ވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.