ވަކި މަސައްކަތެއް އަންހެނުންނަށް ނުކުރެވޭނެ ކަމަށް އޮތް ވިސްނުން ބަދަލުވެއްޖެ: މިނިސްޓަރ ޝައުނާ
28 އެޕްރީލް 2022 - 12:27
ގިނަ ދުވަސްތަކެއް ވަންދެން އެންމެނަށް ޤަބޫލު ކުރެވިފައިއޮތީ އަންހެން ކުދިންނަކީ ވަކިބާވަތެއްގެ މަސަތްކަތްތަކެއް ނޫނީ ނުކުރެވޭނެ ބައެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް މިހާރު އެކަން މި އޮތީ ބަދަލުވެފައި ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މި އަދަކީ ބައިނަލް އަގްވާމީ ގޮތުން އަންހެންކުދިންނަށް ހާއްސަކޮށްގެން ފާހަގަކުރާ "އިންޓަރނޭޝަނަލް ގާލްސް އިން އައި.ސީ.ޓީ. ޑޭ" އެވެ.
މި ދުވަހާއި ގުޅިގެން މިނިސްޓަރ ޝައުނާ ދެއްވި މެސެޖްގައި ވިދާޅުވީ ބައިނަލް އަގްވާމީ ގޮތުން އަންހެންކުދިންނަށް ހާއްސަކޮށްގެން "އިންޓަރނޭޝަނަލް ގާލްސް އިން އައި.ސީ.ޓީ. ޑޭ" ގެ ގޮތުގައި މިދުވަސް ކަނޑައެޅުމުގެ ބޭނުމަކީ ޓެކްނޯލޮޖީގެ ދާއިރާއިން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ކުރެވޭ ތަފާތު މަސައްކަތްތަކުގައި އަންހެންކުދިންގެ ބައިވެރިވުން އިތުރުކޮށް، ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ހާއްސަކޮށް މި އަހަރުގެ ޝިޢާރުގެ ދަށުން އަންހެން ކުދިންނަށް ރައްކާތެރިކަމާ އެކު މިދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުން ކަމަށެވެ.
"ވަރަށްގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑުމެންނަށްވެސް ގަބޫލު ކުރެވިފައިއޮތީ އަންހެން ކުދިންނަކީ ވަކިބާވަތެއްގެ މަސަތްކަތްތަކެއް ނޫނީ ނުކުރެވޭނެ ބައެއްގެ ގޮތުގައި، ނަމަވެސް މިހާރު މިއޮތީ އެކަން ބަދަލުވެފަ. މިއަދު އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަނީ އައި.ސީ.ޓީ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ އަންހެން މުވައްޒަފުން ދިވެހިރާއްޖޭގައި އެބަތިބިކަން، ނަމަވެސް އަދިވެސް މިހާރަށް ވުރެ ބޮޑަށް އަންހެން ކުދިންނަށް މިދާއިރާއިން ފުރުސަތު ފަހިކޮށް، ބައިވެރިވުން އިތުރުކޮށް ދިނުމަށް ޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަންޖެހޭ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރ ޝައުނާގެ މެސެޖްގައި ވަނީ މުޖުތަމައުގައި އޮތް ދުވަސްވީ އާދަކާދައާއި ގަބޫލުކުރުންތައް ބަދަލުކޮށް ހުރިހާ އެންމެން އެކުގައި އައި.ސީ.ޓީ ދާއިރާއިން އަންހެން ކުދިންނަށް ހުރި ގޮންޖެހުންތައް ނައްތާލައި ފިރިހެންކުދިންނެކޭ އެއްފަދައިން މި ދާއިރާއިން އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ސަލާމަތްތެރިކަމާ ރައްކާތެރިކަމާއެކު ހިދުމަތް ހޯދައި ލިބިގަތުމުގައި ޓެކްނޯލޮޖީގެ ބޭނުން ހިފުމަށް ވަނީ އެދިވަޑައިގެންފައެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ "އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން" ގެ ދިރާސާތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގަ އިންޓަނެޓް ބޭނުންކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ދެމެދު 17އިން ސައްތައިގެ ތަފާތެއް އެބަހުރި ކަމަށެވެ. އަދި މިތަފާތު ކުޑަކޮށްތަރައްގީވެފައިވާ މުޖުތަމައު ތަކުގައި މިއަށްވުރެވެސް ބޮޑު ކަމަށާއި، މި ހިސާބުތަކުން ދައްކުވައިދެނީ އަންހެން ކުދިންނަށް އައި.ސީ.ޓީ ދާއިރާއިން ރައްކާތެރިކާމާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގައި ގޮންޖެހުންތަކެއް އެބަހުރިކަން ކަމަށެވެ. މިކަމުން އެނގެނީ އަންހެންކުދިންނަށް ތައުލީމާއި، ރަނގަޅު ވަޒީފާއާ އާމްދަނީ ހޯދުމަށްޓަކައި ތަފާތު މަސައްކަތް ކުރުމަށް ރައްކާތެރިކަމާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުސަތު ކުޑަކަން ކަމަށް ދުވަހާއި ގުޅިގެން މިނިސްޓަރ ޝައުނާ ދެއްވި މެސެޖްގައި ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ "އިންޓަރނޭޝަނަލް ގާލްސް އިން އައި.ސީ.ޓީ. ޑޭ" ގެ ޝިއާރަކީ "އެކްސެސް އެންޑް ސޭފްޓީ" އެވެ.