ފުވައްމުލައް މަގު ހެދުން: އޭބީސީ އަޅަން ބޭނުންވާ ތަކެތި ސައިޓަށް

23 އެޕްރީލް 2022 - 15:30

ފުވައްމުލަށް ސިޓީ އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ އިތުރުން މިހާރު ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

‏މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.