ސަރުކާރުގެ އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭނެ ވަސީލަތަކަށް ހެދުން: މިނިސްޓަރ ޝައުނާ

13 އެޕްރީލް 2022 - 10:46

މި ސަރުކާރުގެ އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭނެ ވަސީލަތަކަށް ހެދުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑް ފޯ ވޭސްޓް ޓު ވެލްތް އިފްތިތާހްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ޒަމާނުއްސުރެ ކުންޏާއި މެދު ރައްޔިތުން ދެކެމުން އައި ގޮތް ބަދަލުކޮށް، ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކައް ހެދުން ކަމަށެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މިއަދަކީ ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކޮށް، އިސްރާފު ކުޑަކޮށް، އުކާލެވޭތަކެތިން ނަފާ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި ކުރިއަށް އެޅޭ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއް އެޅިގެންދާ ދުވަހެއް ކަމަށެވެ.މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖް ކުރުމަށް ހުނަރުވެރި ދިވެހިން އުފައްދާންޖެހޭ  ކަމަށެވެ.

މިމަސައްކަތަކީ ޤައުމީ ފެންވަރެއްގައި ހައްލެއް ހޯދުމަށް ބޭނުންވެފައިވާ މުހިއްމު މައްސަލައަކަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުގެ ކަމާއިބެހޭ މުވައްސަސާތަކެއް ގުޅިގެން ކުރެވިފައިވާ ނަމޫނާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވާ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

‎ކުނީގެ މައްސަލައަށް އިޝާރާތް ކުރައްވާ ވާހަކަފަޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުވާނީ ހަމައެކަނީ މެޝިން ތަކެއް ގާއިމް ކުރެވިގެން ނޫން ކަމަށެވެ. ކުންޏަކީ ގެ ބިސީއާ ހިސާބުން ފެށޭ ކަމެއް ކަމަށާއި، ގޭގައި އުފެދޭ ކުނި ބައިކޮށްގެން ނެރެ، ކައުންސިލްތަކުން ނުވަތަ ވެމްކޯއިން އެ ކުނި ގަވާއިދުން ގެބިސީތަކުން ކަލެކްޓްކޮށްގެން، ކުނި ކޮށީގައި އެތަކެތި ބަހައްޓައިގެން ކުދިކޮށް، މުގުރައި އަދި ރަށުން ބޭރު ކުރެވެންދެން ބެހެއްޓޭނެ އިންތިޒާމް ހުންނަންޖެހޭ ކަމަށެވެ

"ބަދިގެ ކުންޏާއި ފަތްކުނި މެނޭޖް ކުރާނެ ގޮތްތަކެއްވެސް ހުންނަންޖެހޭ ކަމަށާއި ރައްޔިތުންނާއި، ކައުންސިލްތަކާއި، ވެމްކޯ އަދި ސަރުކާރުގެ އިދާރާތައް އެއްކޮށް މަސައްކަތްކޮށްގެން މިކަން ހައްލުކުރެވެން އެބަ އޮތް" ޝައުނާ ވިދާޅުވިއެވެ.

ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑް ފޯރ ވޭސްޓް ޓު ވެލްތު" އަކީ  ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އަމާޒު ހިފާފައިވާ ފަދައިން ކުންޏަކީ އޭގެން ނަފާ ލިބޭ ވަޞީލަތެއްގެ ގޮތުގައި މެނޭޖްކުރުމަށްޓަކައި، އެމަސައްކަތް ރާވައި ހިންގާނެ ފަންނީ މީހުން އުފެއްދުމަށް ބޭނުންވާ މިންގަނޑެއެވެ.

މި މިންގަނޑު އެކުލަވާލާފައިވަނީ ވާރލްޑް ބޭންކްގެ އެހީ އާއި އެކުގައެވެ.

‎މި މިންގަނޑާއި އެއްގޮތަށް މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ބޭނުންވާ ވަސީލަތްތައް ހިމެނޭ ތަމްރީނު ޕެކޭޖެއް އެކުލަވާލާފައިވާއިރު، މިވަސީލަތްތަކުގެ ބޭނުންކޮށްގެން އުކާލެވޭ ކުނިން ނަފާ ހޯދުމުގެ ކަންތައްތައް ރަށްރަށުގައި ވިލަރެސްކުރާނެ މީހުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރެވިގެން ދާނެއެވެ. ‎