މައުލޫމާތު ދިނުމުގެ ސެޝަނެއް ވިލިނގިލީގައި ކުރިއަށް ގެންގޮސްފި

10 އެޕްރީލް 2022 - 14:49

މައުލޫމާތު ދިނުމުގެ ސެޝަނެއް ގއ. ވިލިނގިލީގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނަކީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް، އެ ރަށުގެ ސެކްޓަރތަކަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، ގއ. ފެމެލީ ޗައިލްޑް ސާވިސް ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، ގެވެށި އަނިޔާއާއި އެކަމުން ރައްކާތެރިވުމަށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން، ގެވެށި އަނިޔާ މުޖުތަމައުގައި އާންމުވަމުންދާ މިންވަރާއި ގެވެށި އަނިޔާ ލިބިފައިވާ މީހުން ދެނެގަންނާނެ ގޮތްތަކާއި އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގެވެށި ގުޅުމަކީ ކޮބައިކަމާއި ގެވެށި ގުޅުމެއްގައި ހިމެނޭ ފަރާތްތަކަކީ ކޮބައިކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަމާއި، އަނިޔާގެ އަމަލުތައް ހިންގަމުންދާ ގޮތާއި އަދި އަނިޔާކުރާ ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން އަނިޔާ ލިބޭ ފަރާތްތައް ކޮންޓްރޯލްކޮށް، އަނިޔާކުރުމުގައި ދެމިހުންނަ ސަބަބުތަކާއި، އަނިޔާގެ ސަބަބުން އެކަމުގެ ޝިކާރައަށްވާ މީހުންނަށްކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި، އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ހުރިހާ އެންމެން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، އަނިޔާގެ އަމަލެއް ހިނގައިފިނަމަ އެކަން ރިޕޯޓު ކުރެވޭނެ ވުޒާރާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ރައްކާތެރިވުމުގެ އަމުރުގެ މުހިންމުކަމާއި ރައްކާތެރިވުމުގެ އަމުރަށް އެދެވޭނެ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އިދާރާތަކުން އަމަލުކުރަންޖެހޭ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދީފައިވެއެވެ.

އެ ސެޝަނުގައި އެކި ސެކްޓަރތައް ހިމެނޭހެން 40 މީހުން ބައިވެރިވިއެވެ.