ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް، ޔޫ.އޭ.އީ ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
29 މާޗް 2022 - 18:40
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަރްޔަމް ބިންތް މުޙައްމަދު ސަޢީދު ޙަރެބް އަލްމެއިރީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ދުބާއީގައި ކުރިޔަށްދާ 2022 ވަނަ އަހަރުގެ ވަރލްޑް ގަވަރންމަންޓް ސަމިޓްގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ޔޫ.އޭ.އީ ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތިމާވެށީގެ ކަންކަމުގައި ދެޤައުމުން އެކުގައި މަސައްކަތްކުރެވޭނެ ގޮތް އިތުރަށް ފަހިކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކަމަނާ ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.