ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައްޑޫ ސިޓީއަށް ވަޑައިގެންފި

26 މާޗް 2022 - 13:10

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓްއިން ރައީސުލްގެ ޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްހަބާ ދެންނެވީ އައްޑޫސިޓީ މޭޔާރ އަލީ ނިޒާރާއި، ސަރުކާރުގެ އިސްވެރިންނެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި އައްޑޫސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމާއި، ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ބޭނުމަކީ މި ސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި، އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވާފައިވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.