ހިޔާ ފްލެޓްތަކުގެ މަސައްކަތުގައި އުފެދޭ ގާ ކުނި އުކާލަދިނުން އެޗްޑީސީން ހުއްޓާލަނީ

22 މާޗް 2022 - 20:13

ހިޔާ ފްލެޓްތަކުގައި މަސައްކަތް ކުރަމުންދާ ގޭބިސީން އުފެދޭ ގާކުނި އަދި އެހެނިހެން ކުނި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން އުކަމުން އައިނަމަވެސް ، 31 މާރިޗް އިން ފެށިގެން އެފަދަ ކުނިތައް އުކާލުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

މި ކަމާއި ގުޅިގެން އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫގެ 7000 ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލުގައި ބަޔާން ކޮށްފައިވާ ފަދައިން، އެ ފްލެޓްތަކުގައި މަސައްކަތް ކުރަމުންދާ ގޭބިސީން އުފެދޭ ގާކުނި އަދި އެފަދަ އެހެނިހެން ކުނި އުކުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި، އެކުނިތައް އުކާލުމުގެ އިންތިޒާމް ބަލަހައްޓަމުން ގޮސްފައިވާ ކަމަށެވެ. ނަމަވެސް 31 މާރޗްއިން ފެށިގެން އެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެޗްޑީސީން ބުނީ  1 އެޕްރީލް އިން ފެށިގެން އެ ޒާތުގެ ކުނި އުކާލަންޖެހޭނީ އެ ފްލެޓެއްގެ ވެރިފަރާތުން އެ ކަމަށް ހާއްސަ ކޮށްފައިވާ މުއައްސަސާ ތަކާއި ގުޅިގެން ކަމަށެވެ.

 އަދި 1 އެޕްރީލް އިން ފެށިގެން ކުރިން ކުނި އަޅަމުން އައި ސަރަހައްދަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށާއި، އެހެންކަމުން 31 މާރިޗް ގެ ކުރިން އެޗްޑީސީން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.